Back

ބަރުލަމާނީ ނިޒާމެއް ބޭނުންވަނީ 7 ފެބްރުއަރީ ފަދަ ހަމަ ނުޖެހުމަކަށް ގައުމު ދިޔަ ނުދިނުމަށް

2021-04-27 . Written by Faraz

Featured Image

President Nasheed takes refuge at Indian Embassy & Protests - Wikimedia/Dying Regime

ކުރިޔަށް އޮތް މުސްތަގްބަލްގައި ދިވެހި ރާއްޖެއަށް ސިޔާސީ ބޮޑެތި ބަދަލު އައުމަކީ ޔަގީންކަމެކެވެ. މީގެ ގިނަކަންކަން ވެގެންދާނީ މިޔަދު މިވަގުތު ކުރިޔަށް ލަފާކޮށް ބުނުން ވަރަށް އުނދަގޫ ކަންކަމަށެވެ. ނަމަވެސް އެއް ކަމެއް ޔަގީނެވެ. އެއީ ކުރިޔަށް އޮތް ވިހި ތިރީހަކަށް އަހަރު ތެރޭ ދިވެހިރާއްޖޭގައި ދެވަނަ ބަޣާވާތެއް ހިންގާ މަދަނީ ހަމަނުޖެހުމެއް ހިނގާނެކަމެވެ. އެއީ ސިޔާސީ އިލްމުގެ އަލީގައި ވުން ގާތްކަމަށް ބުނެވޭނޭ ކަމެކެވެ. އަދި މި ހަމަނުޖެހުން ހިނގަން މެދުވެރިވާނެ އެންމު ބޮޑު އެއް ސަބަބަކަށްވާނީ ދިވެހި ރާއްޖޭގައި ވެރިކަން ކުރުމަށް ގެންގުޅޭ ރިޔާސީ ނިޒާމެވެ. 

ރިޔާސީ ނިޒާމެއްގައި ހަމަނުޖެހުން އުފެދޭ ގޮތް

ހުއާން ލިންޒަކީ (juan linz) އެމެރިކާގެ ޔޭލް ޔުނިވާރސިޓީގެ ސޯސިއޯލޮޖީއާއި ޕޮލިޓިކަލް ސައެންސްގެ ކުރީގެ ޕުރޮފެސަރެކެވެ. ހުއާން ލިންޒްގެ ދިރާސާގެ ބޮޑުބަޔެއް ބިނާވެފައިވީ ޑިމޮކްރެޓިކް ނިޒާމުން ޑިކްޓޭޓާރޝިޕަށް ގައުމުތަށް ވެއްޓޭ ގޮތާއި ، ޑިކްޓޭޓަރޝިޕްގެ ސިފަތަކާއި މެދެވެ. 1990 އަހަރު ހުއާން ލިންޒް ނެރުނު މަޒްމޫނެއްގައި ރިޔާސީ ނިޒާމަށް ވަރަށް ބޮޑައް ފާޑު ވިދާޅުވެ ރިޔާސީ ނިޒާމުގެ އުނި ސިފަތަށް ގެނެސްދީ އަދި ރިޔާސީ ނިޒާމުން ގައުމުގެ ހަމަޖެހުން ގެއްލޭ ގޮތް ކިޔާދީފައިވެއެވެ. މީގައި ލިންޒް ބުނާގޮތުން އެމެރިކާ ފިޔަވާ ރިޔާސީ ނިޒާމުގައި މަދަނީ ހަމަނުޖެހުމަކާއި ނުލާ ގަރުނެއް ވަންދެން ވެރިކަން ކުރެވުނު ގައުމެއް ނެތެވެ. ދިރާސާ ކުރާ ފަރާތް ތަކުން މިހެން މިވަނީ ސީދާ ރިޔާސީ ނިޒާމުގެ ސަބަބުން ކަމަށް ބުނުމަކީ ދިރާސާކުރުމުގެ އުސޫލުތަކާއި ގައުމުތަކުގެ އަދަދު މަދުކަމާއި ދިރާސާއަށް ބޭނުން ހެކީގެ ބާވަތުން އުނދަގޫ ކަމެކެވެ. ނަމަވެސް ލިންޒަށް ބުރަވެވެނީ މީގައި ވެރިކަން ކުރާ ނިޒާމުގެ ރޯލު ބޮޑު ކަމަށެވެ. އަދި ބޮޑެތި ހަމަނުޖެހުމާއި ނުލާ ވެރިކަން ކުރާ ގައުމުތަކުގައި ބަރުލަމާނީ ނިޒާމު ގިނަކަމެވެ.

ރިޔާސީ ނިޒާމުން މަދަނީ ހަަމަނުޖެހުމަށް މަގު ފަހިކޮށްދޭ ދެކަމެއް ލިންޒް ފާގަ ކުރައްވައެވެ. ފުރަތަމަ ކަމަކީ ރިޔާސީ ނިޒާމުގައި ރައީސް ގަބޫލު ކުރައްވާ ގޮތުަގައި ރައީސަށް ލިބިފައިވާ ޑިމޮކްރަޓިކް މެންޑޭޓެވެ. ރައީސަށް ލިބިފައިވަނީ ޑިމޮކްރެޓިކް މެންޑޭޓެއް ކަމަށް ގަބޫލު ފުޅު ކުރެއްވުނަސް މަޖިލިސްވެސް ހޮވެނީ ޑިމޮކްރެޓިކް ކޮށެވެ. އަދި މަޖިލީހަށްވެސް ޑިމޮކްރެޓިކް މެންޑޭޓެއް ލިބިފައިވާ ކަމަށް ދައުވާ ކުރެވެއެވެ. ދެބާރުވެސް އިންތިޚާބު މިވަނީ ސީދާ ރައްޔިތުންގެ ވޯޓުން ނެވެ. ދެބާރަކީވެސް ސީދާ ރައްޔިތުންގެ ވޯޓުން ހޮވޭ ބަޔަކަށް ވީމާ މިހެން ގަބޫލު ކުރުމުގެ ފުރުސަތު ލިބެއެވެ. ދެބާރުގެ ދޭތެރޭ އުފެދޭ ކޯޅުމުގައި ވަކި ކޮޅަކަށް  އަރާރުން ނިންމުމަށްޓަކާ ރިޔާސީ ގާނޫނު އަސާސީ ތަކުގައި ވަކި ކޮޅަކަށް ބުރަވެ ހައްލު ހޯދޭނެ ގޮތެއް ނޯވެއެވެ. އަދި ހައްލު ހޯދޭނެ ޑިމޮކްރެޓިކް އުސޫލެއްވެސް ނޯވެއެވެ. މިހެންވުމުން ދެބާރު ދޭތެރޭ އުފެދޭ ކޯޅުމުގެ ފަހުބަސް ބުނަން ނުކުންނަނީ ސިފައިންނެވެ. މިއީ އެތަކެއް ގައުމެއްގައި މިކަން ހިނގާފައިވާ ގޮތެވެ. 

ދެވަނަ ކަމަކީ ރައީސްގެ ރިޔާސީ ދައުރުގެ މުއްދަތަކީ ބަދަލު ނުވާ އެއްޗަކަށް ވުމެވެ. މިކަމުގެ ނުރައްކާތަކެއްވެސް ވެއެވެ. ގައުމުގެ ހާލަތު ގޯސްވަމުންދާ ވަގުތެއްގައި ކަމަށް އެކަށީގެން ނުވާ ރައީސަކު ވެރިކަމުގައި ހުރެއްޖެ ނަމަ ރައީސް ބަދަލު ކުރެވޭނެ ނިޒާމެއް ނޯވެއެވެ. ގައުމަށް ކޮންމެ ގެއްލުމެއް ލިބުނަސް ރައީސްގެ ދައުރު ހަމަވަންދެން މަޑު ކުރަން މަޖުބޫރު ކުރުވައެވެ. ނުވަތަ އަނެއްކާވެސް ނިޒާމުގެ ބޭރުން ބާރުގެ ބޭނުން ކުރަން މަޖުބޫރު ކުރުވައެވެ. މިދެސަބަބާއި ހެދިރިޔާސީ ނިޒާމުގައި ދިފާއީ ބާރަށް އާދަޔާއި ޚިލާފަށް އަހަންމިޔަތުކަން ދެވޭ ގޮތްވެއެވެ. ނުވަތަ ދޭތެރެ ދޭތެރެއިން ދިފާއީ ބާރު ނުކުމެ ވެރިކަމާއި ހަވާލުވާ މަންޒަރު ވެސް ފެނިގެން ދެއެވެ. ދިފާއީ ބާރު ވެރިކަމާއި ހަވާލުވީމާ ދެކޮޅު ހަދަން ދެން ނުކުންނަނީ ރައްޔިތުންނެވެ. މިސަބަބުތަކާއި ހެދި ރިޔާސީ ނިޒާމަކީ މަދަނީ ހަމަނުޖެހުމަށް ތަންދޭ ނިޒާމެކޭ ބުނެވެއެވެ.

މީގެ އިތުރުން ރިޔާސީ ނިޒާމުގެ އިލެކްޝަން ތަކަށްވެސް ލިންޒް ފާޑު ވިދާޅުވިއެވެ. ރިޔާސީ ނިޒާމުގައި އިލެކްޝަން ބައްޓަން ވެފައި މިހުންނަނީ "ވިނާ ޓޭކްސް އޯލް" ނުވަތަ މޮޅުވާ ފަރާތަކަށް ހުރިހާ އެއްޗެއް ލިބޭ ގޮތަށެވެ. ކުދި ޕާޓީތަކުގެ ރޯލު ކުޑައެވެ. އަދި ކޯލިޝަންތަށް ދެމެހެއްޓުމުގެ ފުރުސަތު ކުޑައެވެ. މިއާ ޚިލާފަށް ޕާލިމަންޓުގައި ކޯލިޝަނާއި ނުލާ ވެރިކަން ދެމެހެއްޓޭނެ ގޮތެއް ނޯވެއެވެ. މިހެންވުމުން ކުދި ޕާޓީތަކަށް ގައުމު ހިންގުމުގައި ފުރިހަމައަށް ބައިވެރި ވުމުގެ ފުރުސަތު ލިބެއެވެ. 

ލިންޒް ފިޔަވާ އެހެން ބައެއް ތަޖުރިބާ ކާރުންވެސް ރިޔާސީ ނިޒާމަށް ފާޑު ވިދާޅުވެފައިވެއެވެ. އަދި ރިޔާސީ ނިޒާމުގައި ރައީސްގެ ދައުރަކީ ރިޔާސަތުގެ ނުފޫޒު ދެމެހެއްޓުމަށްޓަކާއި ރިޔާސަތުގެ ދަށުގައިވާ މަގާމުތަކާއި  ރިޔާސަތުން ލިބޭ ފައިދާތަށް ބެހުން ކަމުގައި ފާހަގަ ކޮށްފައިވެއެވެ. ރައީސަކީ މަޖްލީހަށް ޖަވާބުދާރީ ވާންޖެހޭ މީހަކަށް ނުވުމުން މިކަން ފަސޭހައިން ކުރެވެއެވެ. އަދި ނުފޫޒު ދެމެހެއްޓުމުގެ މަސައްކަތަކީ ރައްޔިތުންނަށް ކޮށްދޭން ވަޢުދުވީ ކަންކަމަށް ވުރެ އިސްކަމަކަށްވެއެވެ. އަދި ރިޔާސީ ނިޒާމުގައި ރައީސަކީ ވަކި ވޯޓަކުން ހޮވޭ ފަރާތަކަށް ވީހިނދު ރައީސަކީ މަޖިލީހުގެ މަތިން މަސައްކަތް ކުރާ ފަރާތެއްގެ ގޮތުގައި ދެކެވެއެވެ.  އެއްވެސް ބަޔަކަށް ޖަވާބުދާރީ ވާން ނުޖެހުމުން އަމިއްލަ ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުން ކުރަން ފަސޭހަވެ އާދައަކަށްވެގެންދެއެވެ. 

ރައީސްގެ މަގާމަކީ ދިވެހިންގެ ތެރޭގައި މަޖިލީހުގެ މަގާމަށްވުރެ އިއްޒަތާއި ލައްޒަތް ދެވޭ މަގާމަކަށްވެފައިވެއެވެ. ކުރީގެ ހުރިހާ ރައީސުން ބަރުލަމާނީ ނިޒާމާއި ދެކޮޅަށް ނުކުތް އެއް ސަބަބަކަށް ލަފާ ކުރެވެނީ ރައީސްގެ މަގާމަށް ދެވޭ އިއްޒަތް ބަރުލަމާނީ ނިޒާމުގައި ގެއްލިދާނެތީކަމަށްވުން އެކަށީގެންވެއެވެ. ނަމަވެސް ރައީސް މައުމޫނުގެ ރިޔާސަތުގައި ރައީސަށް ލިބުނު ބާރުތަކާއި އިއްޒަތް ދެން އިތުރަށް ލިބުމަކީ ދުރުގައިވި ކަމެކެވެ. އަދި ރައީސްކަން ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުންވެސް ރައީސް މައުމޫނު ޒަމާނުގެ ހުވަފެން ދެކުމަކީ ވެސް އަމިއްލައަށް ދެވޭ ގެއްލުމެކެވެ. 

ރިޔާސީ ނިޒާމުގައި ރައީސަށް އިއްޒަތް ދެވުނަސް ރައީސްގެ އަތްފައިވަނީ ބަނދެފައެވެ. ރައީސް ކަނޑައަޅާ ބަޖެޓު ފާސް މިކުރަނީ މަޖިލީހުންނެވެ. އަދި މިކޮށާ މެށުމުގެ ފުރުސަތު، އެހެން ގޮތަކަށް ބުނަނީ ނަމަ ރައީސަށް ގެއްލުން ދިނުމުގެ ފުރުސަތު އޮންނަނީ ހުޅުވާ ލެވިފައެވެ. މިހެންެ އާންމުން ބޭނުންވާ ކަންކަން ކުރުމަށް  ނުވަތަ ވައުދު ފުއްދުމަށް ރައީސް ވަނީ ނުކުޅެދިފައެވެ. މިއީވެސް ބާރުތަށް ވަކިކުރުމުގެ މައްސަލައެކެވެ. އާންމުން ވެރިކަމެއް ގެންނަނީ ވަރައްގިނަ ކަންކަން ކޮށްދޭނޭ ކަމަށެވެ. ކަމެއް ނުކުރެވޭ ގޮތަށް ބާރުތަށް ހިފެހެއްޓުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. އެއީ ރައްޔިތުންނަށް ދެވޭ ގެއްލުމެކެވެ. ހައްލަކީ ރައީސަށް މިބާރުތަށް ދިނުމުގެ ބަދަލުގައި ޖަވާބުދާރީވެވޭނެ ގޮތަކަށް މިބާރު ދިނުމެވެ. ބޭނުން ވަނީ ބޮޑު ވަޒީރެކެވެ.

ރާއްޖޭގައި ރިޔާސީ ވެރިކަން

ރާއްޖޭގައި އައު ގާނޫނު އަސާސީ އައުމުގެ ކުރިން ހިނގަމުން އައީ މަސްހުނި، ރައީސަށް ހުރިހާ ބާރެއް ލިބިފައިވާ ނިޒާމެކެވެ. އެހެންކަމުން ރިޔާސީ ނިޒާމުގެ އާންމުކޮށް ފެންނަމުން އައި ކޯޅުންތަކެއް ކުރިޔަކުން ފެންނާކަށް ނެތެވެ. ރައީސް މައުމޫނު ވެރިކަން ކުރެއްވީ ހުރިހާ ބާރެއް މުށައް ލައްވަވައިގެން އިތުރު އެހެން ފަރާތަކަށް ފުރުސަތު ނުދެއްވަވައެވެ. މީގެ ގޯސްތަށް މިތަނުގައި ނުލިޔަނަސް ކިޔުން ތެރިންނަށް އެދުވަސްވަރު ރައްޔިތުންނަށް ލިބުނު ގެއްލުން ހަދާން ހުންނާނެ ކަމަށް އުންމީދު ކުރަމެވެ.

ރާއްޖޭގައި ފާއިތުވި ދެ ރިޔާސީ ދައުރުވެސް ވެގެން ދިޔައީ އެތަކެއް ހިތިތަކާއި ކުރިމަތިލާން ޖެހުނު ދެދައުރަށެވެ. އައު ޤާނޫނު އަސާސީއާއެކު ވެރިކަމާއި ހަވާލު ވެވަޑައިގެންނެވީ ރައީސް ނަޝީދެވެ. ރައީސް ނަޝީދު ހޮވިވަޑައިގެންނެވީ އެތަކެއް ކުދި ޕާޓީތަކެއްގެ ސަޕޯޓާއި އެކެވެ. ނަމަވެސް މިސަޕޯޓަކީ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތް އެއްޗަކަށް ވުމުން ކުދި ޕާޓީތަށް ދޫކޮށްލުމަށް ރައީސް ނަޝީދު ފަސް ޖެހިވަޑައެއް ނުގަތެވެ. ރައީސް ނަޝީދުގެ ދައުރުގައި މަޖިލީހުގެ މެޖޯރިޓީ ލިބުނީ އިދިކޮޅަށެވެ. އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވީ ރައީސް ޔާމީނެވެ. އަދި ތަކުރާރުކޮށް ރައީސް ނަޝީދުގެ ވެރިކަމަށް ރައީސް ޔާމީން ހުރަސް އެޅުއްވިއެވެ. ރައީސް ނަޝީދު މިދުއްތުރުލުން ރެކިވަޑައިގަތުމަށް ނުހައްގުން ކަން ކުރެއްވިއެވެ. ރައީސް ޔާމީން އާރަށުގައި ބަންދު ކުރުން ފަދަ ކަންކަމެވެ.  އިދިކޮޅު ބުރަވެފައިވާ މަޖިލީހާއި ރައީސާއި ދެމެދުގެ ހަނގުރާމައަށް ދެންވަނީ ފުލުހުންނެވެ. އަދި 7 ފެބްރުއަރީގެ ހާދިސާއަކީ މިކޯޅުން އެންމެ ގޯސްވި ދުވަހެވެ. 7 ފެބްރުއަރީގައި ގައުމުގައި ލޭ އޮހޮރުވުމެއް ނުހިނގީ ހަމަ ނަސީބުންނޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. ގައުމު އޮތީ ކަނޑީގެ މިޔަމަތީގައެވެ. ރައީސް ނަޝީދުގެ ދައުރުގެ ބާކީބައި ފުރިހަމަ ކުރެއްވީ ރައީސް ވަހީދެވެ. މިދައުރަކީ ވަރަށް ހަލަބޮލި ދެއަހަރެވެ. ގިނަބަޔަކު މަގުމަތީގައި އެތަށް ގުރުބާނީއެއްވީ ދުވަސްތަކެކެވެ.

ރައީސް ވަހީދުގެ ވެރިކަމަށް ފަހު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީނެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ވެސް އެތަށް ފަހަރަކު ބަޣާވާތަކާއި ދިމާލަށް ދިޔައެވެ. ފުރާނައަށްވެސް ނުރައްކާވި ހާލަތްތަކާއި ކުރިމަތި ކުރުވިއެވެ. ރައީސް ޔާމީނުގެ ދައުރުގައި މަޖިލީހުގެ އަޤްލަބިއްޔަތު ލިބުނީ ރައީސް ޔާމީންގެ ޕާޓީ ޕީޕީއެމަށެވެ. އެހެންކަމުން ދައުރުގެ ފުރަތަމަ ބައި ދިޔައީ ހަމަ ހިމޭންކަމުގައެވެ. ނަމަވެސް ދައުރު ނިމޭ ހިސާބައް ދިޔައިރުގައި ރައީސް ޔާމީނަށް މިއަގްލަބިއްޔަތު ގެއްލިއްޖެއެވެ. މަޖިލީހާ ރައީސާއި ދެމެދު ކޯޅުން ހޫނުވުމާއި އެއްކޮށް ސިފައިން ބޭނުން ކުރަން ފެށުނެވެ. މަޖިލީހުގައި ތަޅު އެޅުވިއެވެ. އަދި ސުޕްރީމް ކޯޓުގެ ފުރާޅު ޓިނުނަގައި ސުޕްރީމް ކޯޓަށް ވަދެ ފަނޑިޔާރުންނަށް ބިރު ދެއްކިއެވެ. އަނެއްކާވެސް މަދަނީ ހަމަ ނުޖެހުމެއްގެ ކޮޅުމައްޗާ ކުރިމަތިލާން ޖެހުނެވެ. ލިންޒް ވިދާޅުވިހެން ރައީސާއި މަޖިލީހުގެ ކޯޅުން އުފަން ވިއެވެ. އަދި އެ ހަނގުރާމައަށް ދިފާއީ ބާރު ވަނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ދިފާއީ ބާރު ރައީސް ނަޝީދާއި ދެކޮޅަށް މަސައްކަތް ކުރިނަމަވެސް، ރައީސް ޔާމީން ދައުރުގައި ދިފާއީ ބާރު މަސައްކަތް ކުރީ ރައީސް ޔާމީނާއެކީއެވެ. މިހެންވެ މުޅި ނިޒާމުގެ ގޮންޖެހުންތަށް ހައްލު މިކުރަނީ ދިފާއީ ބާރެވެ. މިއީ ރައްޔިތުން ހޮވާފައި ތިބި ބައެއް ނޫނެވެ. އަދި މިއީ ކަންހިނގައިގެން ދާންވީ ގޮތެއްވެސް ނޫނެވެ.

ރައީސް ޔާމީނުގެ ވެރިކަމަށް ފަހު ވެރި ކަމާއި ހަވާލު ވެވަޑައިގަތީ ރައީސް ސޯލިހެވެ. ރައީސް ސޯލިހުގެ ނަސީބުން ނުވަތަ ރައްޔިތުންގެ ނަސީބުން މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިގެންނެވީ އަމިއްލަފުޅު ޕާޓީ އެމްޑީޕީ އަށެވެ. އެހެން ކަމުން އަދި ފާއިތުވީ އަހަރު ތަކުގައި ބޮޑެތި ކޯޅުމެއް ފެނިފައެއް ނުވެއެވެ. ނަމަވެސް ކުރިޔަށް އޮތް އިންތިޚާބު ތަކުގައި ދެ ބާރަށް ދެ ޕާޓީއެއްގެ މީހުން ހޮވިއްޖެ ކަމަށް ވާނަމަ މި ހަނގުރާމަ ތިލަ ވުމަކީ ދުރުގައިވި ކަމެއް ނޫނެވެ. ރިޔާސީ ނިޒާމުގެ މިކުރު ތާރީޚުން މިކަމަށް ހެކިދެއެވެ. 

ބަރުލަމާނީ ނިޒާމު

ބަރުލަމާނީ ނިޒާމޭ މިކަޔަނީ ބޮޑު ވަޒީރު ހުރެގެން މަޖިލީހުން ވެރިކަން ކުރާ ނިޒާމަށެވެ. ބައެއް ފަހަރު ރައްޔިތުން ވޯޓުދޭ ރައީސަކު ހުއްޓަސް ރައީސްގެ މަގާމަކީ ރަމްޒީ މަގާމެކެވެ. ބަރުލަމާނީ ނިޒާމުގައި ވޯޓުލުމަށް ދެވައްތަރެއްގެ ނިޒާމެއް މިޒަމާނުގައި އެބަ ގެންގުޅެވެއެވެ. އެއީ ވޯޓު ލުމުގައި "ފަސްޓް ޕާސްޓް ދަ ޕޯސްޓް" އާއި "ޕުރޮޕޯޝަނަލް ރިޕްރެސެންޓޭޝަން" ނިޒާމެވެ. މިހާރުގެ އިލްމްވެރިން ބޮޑަށް ބުރަވަނީ ޕުރޮޕޯޝަނަލް ރިޕްރެސެންޓޭޝަނަށެވެ. މީގައި ވޯޓު ލުމުގައި ގެންގުޅެނީ ޕާޓީ ލިސްޓެކެވެ. އަދި ވޯޓު ލާނީ ރަނގަޅު ފާހަގަ ޖެހުމުގެ ބަދަލުގައި ނަމްބަރު ދޭ އުސޫލުންނެވެ. މިހާރުވެސް ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ ރައްޔިތުންގެ މަޖިލީހަށް ހޮވާ މީހުންގެ ފެންވަރުގެ ޝަކުވާއެވެ. ޕާޓީ ލިސްޓުގެ ނިޒާމު ގެނައުމުން ޕާޓީން އެންމެ އަޑު ގަދަ މީހާ ބަދަލުގައި ގާބިލު މީހުންނަށް ފުރުސަތުދޭން ޖާގަ ދެވެއެވެ. 

ބަރުލަމާނީ ނިޒާމުގެ ބަހުސުގައި އެންމެ ބޮޑަށް ކުރެވޭ އެއް ބަހުސަކީ ބާރުތަށް ވަކި ކުރުމުގެ ބަހުސެވެ. ހަގީގަތުގައި ބޭނުމީ ވެރިކަން ކުރާ ބާރާއި ގާނޫނު ހަދާބާރު ވަކި ކުރުމެއް ނޫނެވެ ބޭނުން ވަނީ ޖުޑީޝަރީގެ "ރިލެޓިވް" މިނިވަންކަމެވެ. ބާރުތަށް ވަކިކުރުމުގެ ބަހުސް ފެށުނީ ރައީސް މައުމޫނުގެ ދައުރުގައި ރައީސް މައުމޫނުގެ ބާރުކަނޑުވާލުމުގެ ބޭނުމުގައެވެ. މިކަން ހާސިލުވީނަމަވެސް މިގޮތުން އުފެދުނު ނިޒާމަކީ ކޮންމެހެން އެންމެ ރަނގަޅު ނިޒާމުގެ ގޮތުގައި ދެކިގެން ނުވާނެއެވެ. ރައީސްގެ އެންމެހާ މަސައްކަތް ގުޅިފައިވަނީ ބަޖެޓުން ލިބޭޖާގައަށެވެ. އެހެންގޮތަކަށް ބުނާނަމަ ޓެކްސް ނެގުމާއެވެ. ނަމަވެސް ރައީސްއަކަށް މިއީ ކުރެވޭނެ ކަމެއްނޫނެވެ. ބާރުތަށް ވަކި ކުރެވިފައިވާ ނިޒާމެއްގައި ރައީސް ހޮވޭއިރުވެސް މިހުންނަނީ އަތް ބަނދެފައެވެ. މިއީ ރަނގަޅުގޮތެއް ނޫނެވެ. ރައްޔިތުންގެ ހުރިހާ އުންމީދެއް ގުޅިފައިވަނީ ރައީސްގެ ވައުދުތަކާއި ރައީސަށް ކުރެވޭނެ ކަންކަމާއިއެވެ. ބާރުތަށް ވަކިކުރެވިފައިވާ ނިޒާމެއްގައި ވަކި ދެޕާޓީއަކަށް ނިސްބަތްވާ ގޮތަށް ބާރުތަށް ލިބިއްޖެނަމަ ދެބާރުން ދެބާރަށް ފައިދާ ކުރުވަނިވި ކަމެއް ނުކޮށް ޖެއްސުން ކުރުން އިންތިހާއަށް ބޮޑުވެއެވެ. ތަންފީޒީ ބާރަށް ތަންފީޒު ކުރުމުގެ އިޚްތިޔާރެއް ނެތެވެ. ނަމަވެސް ތަންފީޒު ނުކުރެވުމުގެ ޒިންމާ ނަގަންޖެހެނީ ސީދާ ރައީސެވެ. ބަރުލަމާނީ ނިޒާމެއްގައި ހިންގަން ބޭނުންވާ ފައިނޭންސް މަޖިލީހުން ނެރެން ހުރަހެއް ނޯވެއެވެ. ޕާޓީ އެތެރޭގެ ކޯޅުމާއި ހެދި ނެރެން އުނދަގޫ ގަޑިއެއްގައިވެސް އައު މަޖިލީސް އިންތިޙާބަކަށް ގޮވާލުމުގެ ބާރު ކެބިނެޓުގައި އޮތުމުން  އެންމެ ފަހުބަސް އޮންނާނީ ކެބިނެޓުގައެވެ. ނަތީޖާއަކީ ތަންފީޒީ ބާރަށް ތަންފީޒު ކުރުމުގައި ހުރަހެއް ނެތުމެވެ. 

ބަރުލަމާނީ ކެބިނެޓް މަސައްކަތް ކުރަނީ ގަނޫނު ހަދާ ބާރާއި ތަންފީޒީބާރު އެއްކޮށް ކަމަށް ވާއިރު މިއީމާ ގާބިލު ހަރަކާތްތެރި ބާރަކަށް ވެއެވެ. އަދި މިބާރު މަސައްކަތް ކުރަނީ ކޮންމެ ދުވަހަކުމެ މަޖިލީހުގެ ތަޅުމުން ކަމަށްވާއިރު އަބަދުވެސް ރައްޔިތުންގެ އިހްސާސްތަކަށް ޖަވާބުދާރީވާ ބާރަކަށްވެއެވެ. މިއާ ޚިލާފަށް ރައީސްގެ ކެބިނެޓަކީ ރައްޔިތުންނަށް މަދުން ނޫނީ ޖަވާބުދާރީވާންޖެހޭ ބައެއް ނޫނެވެ. އަދި ސީދާ ރައީސް ޖަވާބުދާރީ ކުރެވޭނެ ގޮތެއްވެސް ނޯވެއެވެ. ކެބިނެޓުގު ކޮންމެ ނިންމުމަކީ ކޮންމެ ދުވަހަކު މަޖިލީހުގައި ފާޑުކިޔޭ އަދި ޑިބޭޓް ކުރެވޭ ނިންމުމަކަށް ވާއިރު ރައްޔިތުންގެ މެދުގައި އެނިންމުންތަކާއި ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅޭ ގޮތާއި މެދު ދަންނަވަރު އިތުރުވެއެވެ. ބާރުތަށް ވަކިކުރެވިފައިވާ ނިޒާމެއްގައި ކެބިނެޓުގެ ގިނަނިންމުންތަކަކީ މަޖިލީހުގެ ތަޅުމަށް އަންނަ ނިންމުންތަކެއް ނޫނެވެ. އަދި ޑިބޭޓް ކުރުން އެކަންޏެއް ނޫނެވެ. ޑިބޭޓް ދާގޮތާއި ވޯޓު ނެގޭގޮތުން ސަރުކާރު ވެއްޓުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކޮންމެ ނިންމުމަކީ ކެބިނެޓުގެ ދިރިހުރުމާއި މަރާއި ގުޅިފައިވާ ނިންމުމެކެވެ. މިހެންކަމުން ރައްޔިތުންގެ ކަންކަން ނިންމުމުގައި އިހްސާންތެރިވާ މިންވަރު އެތަކެއް ގުނައެއް އިތުރެވެ. މިއާ ޚިލާފަށް ރިޔާސީ ނިޒާމެއްގައި ރައީސްގެ ގިނަ ކަންކަމަކީ ސުވާލު ކުރެވޭ ކަންކަމެއް ނޫނެވެ. އަދި ވަރަށް ނުރައްކާތެރި ކަމެއް ނުކުރާހާ ހިނދަކު ބޭނުންހާ ކަމެއް ކޮށްލާ ފަސްއަހަރު ވީއްލުމުގެ އިޚްތިޔާރު އޮވެއެވެ.

ދެން ބަރުލަމާނީ ނިޒާމަށް އަމާޒުވާ އެއް ފާޑު ކިޔުމަކީ ބަރުލަމާނީގައި ބޮޑު ވަޒީރު ހޮވަނީ މަޖިލީހުން ކަމެވެ. "ރައްޔިތުންގެ ބައިވެރި ވުމެއް ނެތި" ވެރިޔަކު ހޮވުމަކީ ރައްޔިތުންނަށް ދެވޭ ގެއްލުމެއްގެ ގޮތުގައި ސިފަ ކުރެވެއެވެ. ނަމަވެސް ބޭނުން ވަގުތެއްގައި އެވަގުތަކާއި އެކަށޭނެ މީހަކު ވެރިކަމަށް ނެރުމުގެ އިޚްތިޔާރު މަޖިލީހުގައި އޮތުމަކީ ގައުމަކަށް އަންނާނެ އެކި ހާލަތް ތަކުގައި ވެރިކަން ބަދަލު ކޮށް އިސްލާހުގެ މަގަށް އަނބުރާލުމަށް ލިބޭ ފުރުސަތެކެވެ. ރައީސަކު ބަދަލުވަނީ 5 އަހަރުންނެވެ. ނަމަަވެސް މަގާމަށް އަހައްމިޔަތުކަން ނުދޭ، ނުވަތަ އެކަށީގެން ނުވާ ރައީސަކުވެސް ބަދަލު ކުރަން ފުރުސަތު މިލިބެނީ އެތަކެއް އަހަރު ފަހުން ގައުމަށް އެތަށް ގެއްލުމެއް ލިބޭ ފަހުންނެވެ. ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރަކީ އަބަދުވެސް މަޖިލީހުގެ ރުހުމުގައި ހުންނަ މީހެކެވެ. މަޖިލީހުގެ ރުހުން ގެއްލޭ ހިނދު މަގާމުން ވަކި ކުރެވެއެވެ. އެހެން ކަމުން ވަގުތާ ނުގުޅޭ ބޮޑު ވަޒީރަކު ބަދަލުކޮށް ގައުމުގެ ހިންގުން ހަމަ މަގަށް އެޅުވުމުގެ ފުރުސަތު ބަރުލަމާނީ ނިޒާމުގައި އޮވެއެވެ. ރިޔާސީ ނިޒާމުގައި ރައީސް ހޮވަނީ ސީދާ ހުރިހާ އެންމެންގެ ވޯޓުން ކަމަށް ބުންޏަސް ރައީސްކަމަށް ނޮމިނޭޓް ވެ އިންތިޚާބާއި ހިސާބަށް ދިޔުމުގެ ފުރުސަތު އޮންނަނީ މަދު މީހަކަށެވެ. މިހެންކަމުން ގިނަބަޔެއްގެ ވޯޓުން ހޮވުނަސް ރައީސް ރިޕްރެސެންޓު ކުރަނީ ގިނަބަޔެކޭ ބުނުމުގެ ފުރުސަތެއް ނެތެވެ. ރައީސް ސޯލިހް ނޮމިނޭޓްވީ ރައްޔިތުންގެ ކިތަށް ޕަސެންޓު ބޭނުންވެގެން ހެއްޔެވެ. ރައީސް ސޯލިހް އެފަދަ މަގާމަކަށް އައުމަށް އެދުނީ ކިތަށް ރައްޔިތުން ހެއްޔެވެ. ރައީސް ސޯލިހް އެމަގާމަށް ގެނެސްދިނީ އެމްޑީޕީ އެތެރޭގެ ކުޑަގުރޫޕަކުންނެވެ. މިހެން މިކަން އޮތްއިރު އެންމެ ފަހު މަރުހަލާގައި ވޯޓުލީ މީހުންގެ އަދަދު މިއީ މާމުހިންމު އަދަދަކަށް މިވީ ކީތްވެހެއްޔެވެ.

ރިޔާސީ ނިޒާމަކީ މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމަކާއި އެއްކޮށްހެން ބީރައްޓެހި ނިޒާމެކެވެ. އެމެރިކާގައި ރިޔާސީ ނިޒާމު އުފަންވިއިރު ޕާޓީ ނިޒާމެއް ނެތެވެ. އަދި ޕާޓީ ސިސްޓަމަށް މަސައްކަތް ކުރަން ފެށުމުން ދިމާވާ މައްސަލަތަކުގެ ހައްލެއްވެސް ރިޔާސީ ނިޒާމަކު ނެތެވެ. މަޖިލީހު މެޖޯރިޓީއާއި ރައީސަކީ ދެ ޕާޓީއަކަށް ނިސްބަތްވަާ ބަޔަކަށް ވެއްޖެ ނަމަ ނުކުންނަ މައްސަލަތަކުގެ ހައްލެއް ނެތެވެ. ނަަމަވެސް ޒަމާނީ ބަރުލަމާނީ ނިޒާމަކީ ޕާޓީ ނިޒާމަށް ފައްކާ ކުރެވިފައިވާ ނިޒާމެކެވެ. ސިޔާސީ ނިޒާމެއްގައި އެކަކު އަނެކަކާއި ގުޅ ި އެއްބައިވެ، ގުރޫޕު ހަދާ އަދި ސިޔާސަތުގައި އެއްގުރޫޕާއި އަނެއް ގުރޫޕު ތަފާތުވުން، ނުވަތަ ޕާޓީ އުފެދުމަކީ ތަބީއަތުގައި ވާކަމެކެވެ. މިހެން ކަމުން ޕާޓީ ނިޒާމާއި ރިޔާސީ ނިޒާމު ބީރައްޓެހި  ވުމަކީ އޭގެ ބަލިކަށި ކަމެވެ.

ބަރުލަމާނީ ނިޒާމުގައި އަވަހަށް ބޮޑު ވަޒީރު ބަދަލުވުމަކީ ހަމަޖެހުން ގެއްލުން ގޮތުގައި ބައެއް ފަރާތްތަކުން ސިފަ ކުރެއެވެ. ނަމަވެސް ކުރިން ދެންނެވުނުހެން ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ވައްޓާލުމަށް ސިފައިންނެރި މަދަނީ ހަމަނުޖެހުމަކާއި ހިސާބަށް ދިޔުން ދުރެވެ. ބޮޑު ވަޒީރާއި މެދު ކަން ކުރަންވީގޮތް މަޖިލީހުން ނިންމުމުގެ ފުރުސަތު އޮވެއެވެ. ބޮޑު ވަޒީރު ބަދަލުވުމަކުން ރައްޔިތުން ނުކުމެ ހަޅުތާލު ކުރާތަނެއް ތާރީޚަކުން ފެންނާކަށް ނެތެވެ. ސަބަބަކީ ބޮޑު ވަޒީރު ބަދަލުވިޔަސް ވެރިކަން ދެން ކުރާނީ ގިނަ ފަހަރަށް ހަމަ އެޕާޓީގެ މީހަކަށް ވީމައެވެ.

މީހުން އިސްލާހު ވުމުގެ ބަދަލުގައި ނިޒާމު އިސްލާހު ވާން އެބަޖެހޭ

ރައްޔިތުންގެ މެދުގައި ރިޔާސީ ނިޒާމުތޯ ބަރުލަމާނީ ނިޒާމުތޯ ބަހުސް އުފެދޭ ހިސާބުން ބައެއް ފަރާތް ތަކުން ރައްދު ދެއްވަނީ ތިންގޮތަކަށެވެ. ފުރަތަ ގޮތަކީ ކޮންމެ ނިޒާމެއް އޮތަސް މީހުން އިޚްލާސްތެރި ނަމަ ގައުމު ހިނގާނީ ރަނގަޅަށް ކަމަށެވެ. މިއީ ނިޒާމުން ލިބޭ ގެއްލުމާއި މެދު މާބޮޑަށް ފިކުރު ނުކުރާ ބަޔަކު ދޭ ރައްދެއް ކަމަށް ލަފާ ކުރެވެއެވެ. ދެވަނަ ރައްދަކީ ކޮންމެ ނިޒާމެއް އޮތަސް ބޭނުން ވަނީ ގުޑް ގަވަނަސް ކަމަށް ބުނުމެވެ. ފުރަތަމަ ރައްދާއި އެއްފަދައިން މިއީ ނިޒާމުގެ މައްސަލަތަކާއި މެދު މާބޮޑަށް ފިކުރު ނުކުރާބަޔަކު ދޭ ރައްދެއް ކަމަށް ލަފާ ކުރެވެއެވެ. ތިންވަނަ ރައްދަކީ ހުރިހާ އިލެކްޝަނެއް އެއް ދުވަހަށް ބަދަލު ކުރީމާ މިހާރު މިހިނގާ ނިޒާމުގެ މައްސަލަތަށް ހައްލުވާނޭ ކަމަށް ބުނުމެވެ. ހުރިހާ އިލެކްޝަނެއް އެއްދުވަހަށް ބަދަލު ކުރިނަމަވެސް ދެޕާޓީއެއްގެ ބަޔަކަށް ދެ ބާރު ކޮންޓުރޯލު ކުރުމަކީ ދުރުގަވީ ކަމެއް ނޫނެވެ. މަޖިލީހަށް މިހޮވަނީ ފެނި ދަންނަ މީހުން ތެރެއިންނެވެ. ރައީސަށް މިހޮވަނީ ވަކި ޕާޓީއެއްގެ މީހަކަށް ވީމައެވެ. މިދެމީހުންނަކީ ކޮންމެހެން އެއް ޕާޓީއެއްގެ މީހަކަށް ނުވެދާނެއެވެ. 

އެމްޑީޕީގެ އިސްލާހީ ހުޅުކޮޅު ނިވިފައި

ރައްޔިތުން އެމްޑީޕީއަށް މަޖިލިސް ސުޕަރ މެޖޯރިޓީއަކާއި ރައީސްކަން އަރުވާފައި ވަނީ ރާއްޖޭގެ ހުރި ގިނަ މައްސަލަތަކެއް ހައްލުކޮށް އިސްލާހު ކުރާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ފެނިގެން މިދިޔައީ ފަހަތު ފަޔަށް ބުރަވެ އިސްލާހީ މަސައްކަތުގެ މަތިން ހަދާން ނެތިފައިވާ ބަޔެއްގެގޮތުގައެވެ. ބޮޑެތި ބަދަލުތަކެއް ގެނެސް ރާއްޖެ އިސްލާހުގެ މަގަށް އަނބުރާލުމުގެ ބަދަލުގައި ފެކްޝަން ހަދައިގެން ތަޅާ ފޮޅާ މަންޒަރެވެ. އަމާޒެއް ނެތް ޕާޓީއެކޭ އެއް ފަދައެވެ. އެގޮތުން ބަރުލަމާނީ ބަހުސް ވެސް ވެގެން މިދިޔައީ ކުރިމަގުގައި ރާއްޖެއަށް ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރި ވުމުގެ ބަހުސަކަށް ވުރެ ވަކި މީހަކު ބޮޑު ވަޒީރަށް ވެދާނެ ކަމުގެ ބަހުސަކަށެވެ. އެމްޑީޕީ އަތުގައި ޕާޓީން އެއްބަސްވާ އިސްލާހީ އެޖެންޑާއެއް އެބައޮތްތޯ ސުވާލު އުފެދެއެވެ. ހަގީގަތުގައި ބަރުލަމާނީ ނިޒާމް ދަންނަ ބަޔެއްނަމަ ބޮޑު ވަޒީރަކަށް ވަކި މީހަކު ނެގުނަސް އޭނާއަށް ހުރިހާ ބާރެއް ލިބިގެން ނުދާނެކަން އެގެންވާނެއެވެ. އަދި ބޮޑު ވަޒީރުގެ ނިންމުންތަށްވެސް އެއީ ކޮންމެ ދުވަހަކު މަޖިލީހުގައި ބަހުސް ކުރެވޭނެ ކަންކަން އިނގެންވާނެއެވެ. ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު އޮވެ ބޭނުން ނުކުރުން އެއީ ގައުމަށް ދެވޭ ބޮޑު ގެއްލުމެކެވެ. ދެން ކުރިޔަށް އޮތްތާނގައި ސުޕަރ މެޖޯރިޓީ މަޖިލީހަކާ އެއްޕާޓީގެ ރައީސެއް ވެރިކަމަށް އަންނާނޭ ދުވަހެއް ނޭނގެއެވެ. ގެއްލުވާ މިލެވެނީ ވަރަށް މުހިންމު ފުރުސަތެކެވެ. އެމްޑީޕީއަކީ 7 ފެބްރުއަރީގެ ހިތި ނަތީޖާއާ ބައްދަލު ކުރި ޕާޓީއަށް ވުމުން މިކަމާ ހަގީގަތުގައި އެންމެ ބޮޑަށް އުޅެންޖެހޭ ޕާޓީއަކީ މިއީވެސްމެއެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގެ ހިތި ތަޖުރިބާ މަތީން މުޅީން ހަނދާން ނެތިއްޖެއެވެ. 

ބަރުލަމާނީ ނިޒާމަކުން ރާއްޖެއަށް އަތުވެދާނޭ ބަދަލު

ބަރުލަމާނީ ނިޒާމަކުން މިހާރަށް ވުރެ ބޮޑަށް ކުޑަ ޕާޓީތަށް ތަމްސީލުވެގެން ދާތަން ފެނިދާނެއެވެ. މިގޮތުން އަދާލަތު ޕާޓީ އަށް މިހާރަށްވުރެ ގިނައިން ގޮނޑި ލިބުން އަދި އަދާލަތު ޕާޓީގެ ކަނާއަތުން ސަލަފީ ޕާޓީއެއް އުފެދުމުގެ ޖާގައެބައޮތެވެ. މިއީ ބައެއް ފަރާތް ތަކުން ބިރުގަންނަ ކަމެއް ކަމަކު ނިޒާމުގެ ތެރެއަށް ވަނުމަކީ މޮޑަރޭޓްވުމަށް އެހީ ވާނޭކަމެކެވެ. މީގެ އިތުރުން ވައަތު ފިޔާގެ ޕާޓީއަކަށް ނުވަތަ ޕާޓީތަކަށް ފުރުސަތު ލިބިގެންދާނެއެވެ. ވައަތު ފިޔައިގެ ފިކުރަކީ ވަރަށް ގިނަ މީހުން ގަބޫލު ކުރާ ނަމަވެސް ފަސްޓް ޕާސްޓްދަ ޕޯސްޓު ސިސްޓަމްގެ ސަބަބުން ތަމްސީލު ކުރުމުގެ ފުރުސަތު ނުލިބިފައިވާ ފިކުރެކެވެ. އަދި ހަމަގައިމުވެސް ރީޖަނަލް ޕާޓީތަށް އައުން (މިސާލަކަށް އައްޑޫ ނުވަތަ ތިލަދުންމަށްޗަށް ނިސްބަތްވާ ޕާޓީތަކެއް) ގާތެވެ. މިހެންކަމުން ކުރިމަގުގައި  މާލެއަށް ދެވިފައިވާ ޚާއްސަކަން ކުޑަވުން އެކަށީގެންވެއެވެ.  މިހާރު އެންމެ ބޮޑަށް ބަރުލަމާނީ ނިޒާމަކަށް ވަކާލާތު ކުރައްވާ އެއް ބޭފުޅަކީ ރައީސް ނަޝީދެވެ. ރައީސް ނަޝީދު ވަނީ ބޮޑު ވަޒީރަށްވާން ޝައުގުވެރިކަން އެބަހުރިކަމަށް ވިދާޅުވެ ރައީސަށްވެސް އަންގަވާފިއެވެ. ހަމަގައިމުވެސް އެންމެ ފުރަތަ ބޮޑު ވަޒީރަށް ވުން ގާތް ފުރަތަ މީހަކަށް ރައީސް ނަޝީދު ވާނެއެވެ. ނަމަވެސް ރައީސް ނަޝީދު މިޒާޖު ފުޅު ހުންނަ ގޮތުން ގިނަ ދުވަހު ބޮޑު ވަޒީރުކަން ކުރެއްވުމަކީ ނާދިރު ކަމެކެވެ. މިހާރުވެސް އެމްޑީޕީގެ އެތެރޭގެ ވޯޓުތަކުގައި ރައީސް ނަޝީދަށް ކާމިޔާބު ނުވެދެއެވެ. މިހެންވެ އެމްޑީޕީގެ އެހެން ދެތިން ބޮޑު ވަޒީރުން ފެނިގެން ދިޔުމަކީ ކައިރި މުސްތަގުބަލްގައި ވެދާނެ ކަމެކެވެ.

ކޮންމެގޮތެއް ވީނަމަވެސް ބަރުލަމާނީ ނިޒާމުގެ ބަހުސް ހުޅުވާދެއްވުމަކީ ގައުމަށް އިސްލާހުގެ މަގަށް ގެނައުމަށް ހުޅުވާދެއްވި ފުރުސަތެކެވެ. ރައްޔިތުންގެ ކުރިމަތީ އޮތް ބޮޑު ސުވާލަކީ ބަރުލަމާނީތޯ ނުވަތަ ރިޔާސީ ނިޒާމުތޯއެއް ނޫނެވެ. ސުވާލަކީ ރައީސް ސޯލިހުތޯ ނުވަތަ ރައީސް ނަޝީދުތޯ އެއްވެސް ނޫނެވެ. ސުވާލަކީ ކުރިޔަށް އޮތް ވިހި ތިރީސް އަހަރުގައި ކިތަށް ބަޣާވާތާއި މަދަނީ ހަމަނުޖެހުމާއި ކުރިމަތިލާންޖެހޭނެތޯ އެވެ.